އެމްޑީޕީގެ 'ބޮޑު ބަދަލު' ކަރުދާހުގެ ޚުލާޞާ

2 min read · estimated

ރާއްޖޭގެ ވެރިކަން ހިންގުމުގެ ނިޒާމަށް ބޮޑެތި ބަދަލުތަކެއް ގެނައުމަށްޓަކައި ކުރީގެ ރައީސް މުޙައްމަދު ނަޝީދާއި ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާޢީލް ހުށަހެޅުއްވި "ބޮޑު ބަދަލު" އިޞްލާޙީ މަގުޗާޓު، އިދިކޮޅު އެމްޑީޕީގެ ކޮންގްރެސް އިން ވަނީ ބަލައިގެންފައެވެ. އެމްޑީޕީގެ ކޮންގްރެސްގައި ބައިވެރިވި 563 މަންދޫބުންގެ ތެރެއިން 520 މަންދޫބުންގެ އަޣުލަބިއްޔަތުން ފާސްކުރި މި ޤަރާރުގެ މައިގަނޑު މަޤްޞަދަކީ ޤާނޫނުއަސާސީގެ 4 ވަނަ މާއްދާގައި ބަޔާންކުރާ ރައްޔިތުންގެ ބާރު ޢަމަލީގޮތުން ތަންފީޛުކޮށް، ދައުލަތް ހިންގުމުގައި ރައްޔިތުންގެ ބައިވެރިވުމާއި ބާރުވެރިކަން އިތުރުކުރުމެވެ.

ހުށަހަޅާފައިވާ މައިގަނޑު އިޞްލާޙުތައް

ޤާނޫނުއަސާސީ އިޞްލާޙުކުރުން:

ޤާނޫނުއަސާސީއަށް ބަދަލު ގެނެވޭނީ ރައްޔިތުންގެ މަޖިލީހުގެ އިތުރުން ރައްޔިތުން އިންތިޚާބުކުރާ ކައުންސިލަރުން ހިމެނޭ ޚާއްޞަ މަޖިލީހަކުން ކަމަށް ކަނޑައެޅުމާއި، އަދި ބައެއް ބަދަލުތައް ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކުން ނިންމާ ގޮތަށް ހަމަޖެއްސުން.

މަޤާމުތަކުން ވަކިކުރުމުގެ ބާރު:

ދައުލަތުގެ އެއްވެސް މަޤާމަކަށް ރައްޔިތުން އިންތިޚާބުކުރާ ފަރާތެއް، ދައުރުގެ މެދުތެރެއިން މަޤާމުން ވަކިކުރުމުގެ ފުރުޞަތު އެ ފަރާތެއް އިންތިޚާބުކުރި ރައްޔިތުންނަށް ސީދާ ލިބިދިނުން.

ލޯކަލް ކައުންސިލް އިންތިޚާބުތަކުގައި ވޯޓުލުން:

ރަޖިސްޓްރީވެފައިވާ ދާއިރާގެ ބަދަލުގައި، އެ މީހަކު ޢަމަލީގޮތުން ދިރިއުޅޭ ދާއިރާގެ ކައުންސިލަށް ވޯޓު ދެވޭނެ އުޞޫލެއް ދިރާސާކޮށް އެ ބަދަލު ގެނައުން.

ރައްޔިތުންގެ މަޖިލީހުގެ އޮނިގަނޑު:

ކޮންމެ އަތޮޅަކުންނާއި ސިޓީއަކުން އިންތިޚާބުކުރެވޭ މެންބަރުން ހިމެނޭހެން، މަޖިލީހުގެ މެންބަރުންގެ އަދަދު ވަކި މިންވަރެއްގައި ހިފެހެއްޓި އިތުރުނުވާނެ ގޮތް ހެދުން.

ޝަރުޢީ ދާއިރާގެ އިޞްލާޙު:

ސުޕްރީމް ކޯޓުގެ ފަނޑިޔާރުން މަޤާމުން ވަކިކުރެވޭނީ ރައްޔިތުންގެ ޢާންމު ވޯޓަކުން ކަމަށް ކަނޑައެޅުމާއި، ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އަކީ ސިޔާސީ އަދި ސަރުކާރުގެ ނުފޫޒުން އެއްކިބާވެފައިވާ ތަނަކަށް ހެދުމަށް އެ ކޮމިޝަނުގެ އެކުލެވުން ބަދަލުކުރުން.

މިނިވަން މުއައްސަސާތައް ޖަވާބުދާރީކުރުވުން:

މިނިވަން މުއައްސަސާތައް ޖަވާބުދާރީކުރުވުމަށް ޢާންމު ރައްޔިތުންގެ މައްޗަށް އެކުލެވޭ ޚާއްޞަ ކޮމިޝަނެއް އުފެއްދުން.

ވެރިކަމުގެ ނިޒާމު އަލުން އެކުލަވައިލުން:

ދައުލަތުގެ އެންމެ އިސްވެރިޔާ އާއި ސަރުކާރުގެ އެންމެ އިސްވެރިޔާގެ މަޤާމު ވަކިކޮށް، ސަރުކާރުގެ ވެރިޔާ ރައްޔިތުންގެ ޢާންމު ވޯޓަކުން އަދި ދައުލަތުގެ ވެރިޔާ ޚާއްޞަ މަޖިލީހުގެ ވޯޓަކުން އިންތިޚާބުކުރާ ގޮތަށް ހަމަޖެއްސުން.