މިނިވަން މުއައްސަސާތަކުގެ އޮވަސައިޓް ކޮމިޝަންގެ ޚުލާސާ
މި ބަދަލު ގެނައުމުގެ މައިގަނޑު މަގުސަދަކީ މިނިވަން މުއައްސަސާތަކަށް އޮންނަ ވެރިކަން ހިންގުމުގެ ބާރުގެ ނުފޫޒު އެއްކޮށް ނައްތާލުމާއި، ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީގެ ބަދަލުގައި ވަކި ޚާއްސަ އޮވަސައިޓް ކޮމިޝަނެއް އުފައްދައި، މަޖިލީހުގެ ފިއްތުންތަކުން އެ މުއައްސަސާތަކުގެ މެންބަރުން ރައްކާތެރިކުރުމެވެ. މިގޮތުން ޖޭއެސްސީ ފިޔަވައި، އޭސީސީ އަދި އެޗްއާރުސީއެމް ފަދަ މުއައްސަސާތައް ބެލެހެއްޓުމާއި މެންބަރުން ވަކިކުރުމުގެ ބާރު ހިމެނޭހެން މަޖިލީހަށް ކުރިން އޮތް ޒިންމާތައް މި ކޮމިޝަނަށް ބަދަލުކުރެވޭނެއެވެ.
މި ކޮމިޝަން އެކުލެވިގެންވަނީ 9 އާއި 11 އާ ދެމެދުގެ އަދަދެއްގެ އާންމު ރައްޔިތުންގެ މައްޗަށެވެ. މެންބަރުކަމަށް އާންމުން އެދޭނީ ދައުލަތުގެ އިސްވެރިޔާގެ އޮފީހަށެވެ. ދައުލަތުގެ އިސްވެރިޔާ ކަނޑައެޅިފައިވާ މިންގަނޑުތަކުން ކެންޑިޑޭޓުން ސްކްރީންކުރުމަށްފަހު މަޖިލީހަށް ނަންތައް ފޮނުވުމުން، "ބޮޑުމަޖިލިސް" އެއްވެ އުފައްދާ ވަގުތީ ކޮމިޓީއަކުން އިންޓަވިއުކޮށް 5 އަހަރުގެ ދައުރަކަށް 9 މެންބަރުން އިންތިޚާބުކުރާނެއެވެ. ވަކި ފަރުދަކަށް މާ ބޮޑު ބާރެއް ލިބުން ހުއްޓުވުމަށްޓަކައި މެންބަރުކަން ކުރެވޭނީ ގިނަވެގެން 2 ދައުރަށެވެ. މީގެއިތުރުން، މުއައްސަސާތަކުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ކަށަވަރުކުރުމާއި، ވަކިކުރުމުގެ މަރުހަލާ ފެށުމަށް އިސްނެގުމުގެ ބާރު ދައުލަތުގެ އިސްވެރިޔާއަށް އޮތް ނަމަވެސް، މެންބަރުން އައްޔަންކުރުމުގައްޔާއި ވަކިކުރުމުގައި ސަރުކާރުގެ އެއްވެސް ދައުރެއް ނޯންނާނެއެވެ.
މަޖިލީހުގެ ނުފޫޒުން އެއްކިބާކުރުމުގެ ގޮތުން، މި ކޮމިޝަނުގެ މެންބަރުން މަޖިލީހުގެ ނިންމުމަކުން ވަކިއެއް ނުކުރެވޭނެއެވެ. މެންބަރަކު ވަކިކުރުމުގެ މަރުހަލާ ފެށޭނީ މަޖިލީހުގެ ސުޕަމެޖޯރިޓީން ދައުލަތުގެ އިސްވެރިޔާ އަންގަވައިގެން ނުވަތަ ރައްޔިތުންގެ ޕެޓިޝަނަކުންނެވެ. އަދި ވަކިކުރެވޭނީ ވޯޓުލާން ނުކުންނަ އެންމެ ދަށް މިންވަރު ނުވަތަ ތްރެޝްހޯލްޑް ކަނޑައެޅިފައިވާ ސީދާ ރައްޔިތުންގެ ފެންނަނުފެންނަ ގައުމީ ވޯޓަކުންނެވެ.