ހައިބްރިޑް ނިޒާމުގެ ޚުލާސާ

3 min read · estimated

ހައިބްރިޑް ނިޒާމެއް ތައާރަފުކުރުމުގެ މައިގަނޑު ބޭނުމަކީ ރައީސުލްޖުމްހޫރިއްޔާގެ މަގާމުގައި ހުރިހާ ބާރުތަކެއް ޖަމާވެފައި އޮންނަ އޮތުން ނިމުމަކަށް ގެނެސް، ދައުލަތުގެ އިސްވެރިޔާ (ހެޑް އޮފް ސްޓޭޓް) އާއި ސަރުކާރުގެ އިސްވެރިޔާ (ހެޑް އޮފް ގަވަމަންޓް) ގެ މަގާމު ވަކިކޮށް ވެރިކަމުގެ ބާރުތައް ބަހާލުމެވެ. މީގެ ތެރެއިން ސަރުކާރުގެ އިސްވެރިޔާގެ ޒިންމާއަކީ ސަރުކާރާއި ކެބިނެޓް އެކުލަވާލައި ސިޔާސަތުތައް ހިންގުމެވެ. ދައުލަތުގެ އިސްވެރިޔާގެ މައިގަނޑު ދައުރަކީ ގާނޫނުއަސާސީ ހިމާޔަތްކުރުމާއި، މިނިވަން މުއައްސަސާތައް ވިލަރެސްކޮށް ފާރަވެރިވުމާއި، މަޖިލީހާއި ސަރުކާރު ޒިންމާދާރުކުރުވުމެވެ.

ނިޒާމުތަކުގެ އަޅާކިޔުން

ވެރިކަމުގެ ބާރުތައް ބަހާލުމުގައި ރިޔާސީ ނިޒާމުގައި ދައުލަތާއި ސަރުކާރުގެ ވެރިޔަކީ ވެސް ރައީސުލްޖުމްހޫރިއްޔާއެވެ. ނަމަވެސް ބަރުލަމާނީ އަދި ހައިބްރިޑް ނިޒާމުގައި އެއީ ވަކި ދެ މަގާމެކެވެ.

އިންތިހާބުކުރުމުގެ ގޮތުން ބަލާއިރު، ރިޔާސީ ނިޒާމުގައި ވެރިޔާ ހޮވަނީ ރައްޔިތުންގެ ސީދާ ވޯޓުންނެވެ. ބަރުލަމާނީ ނިޒާމުގައި ބޮޑުވަޒީރު ހޮވަނީ މަޖިލިސް މެންބަރުންގެ ތެރެއިންނެވެ. ހައިބްރިޑް ނިޒާމުގައި ސަރުކާރުގެ ވެރިޔާ ރައްޔިތުންގެ ސީދާ ވޯޓުން ހޮވާއިރު، ދައުލަތުގެ ވެރިޔާގެ ނަން ހުށަހަޅާނީ ސަރުކާރުގެ ވެރިޔާއެވެ. އެ ނަމަށް ރުހުން ދޭނީ މަޖިލީހުންނެވެ.

ބާރުތައް ވަކިކުރުމުގެ އޮނިގަނޑުގައި، ރިޔާސީ އަދި ހައިބްރިޑް ނިޒާމުގައި ވެރިކަން ހިންގުމުގެ ބާރު ސަރުކާރަށް އަދި ގާނޫނު ހެދުމުގެ ބާރު މަޖިލީހަށް އޮންނައިރު، ބަރުލަމާނީ ނިޒާމުގައި ގާނޫނު ހެދުމާއި ވެރިކަން ހިންގުން ގުޅިލާމެހިފައި އޮންނަނީ މަޖިލީހުގެ ތެރޭގައެވެ.

މަގާމުން ވަކިކުރުމުގައި ރިޔާސީ ނިޒާމުގައި ރައީސް ވަކިކުރެވެނީ މަޖިލީހުންނެވެ. ބަރުލަމާނީ ނިޒާމުގައި މަޖިލީހުގެ އަގުލަބިއްޔަތުން ބޮޑުވަޒީރު ވަކިކުރެވޭއިރު، ހައިބްރިޑް ނިޒާމުގައި ސަރުކާރުގެ ވެރިޔާ ވަކިކުރެވޭނީ މަޖިލީހުގެ ސުޕަމެޖޯރިޓީންނެވެ. އަދި ދައުލަތުގެ އިސްވެރިޔާ ވަކިކުރެވޭނީ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކުންނެވެ.

މަޖިލީހުގެ ޕާޓީ ޑިސިޕްލިންއަށް ބަލާއިރު، ހައިބްރިޑް ނިޒާމުގައި އެންޓި-ޑިފެކްޝަން ގާނޫނު އުވާލައި، ރައްޔިތުން އިސްނަގައިގެން މެންބަރުން ވަކިކުރެވޭ "ރީކޯލް" ނިޒާމެއް ގާއިމުކުރުމަށް ހުށަހަޅާފައިވެއެވެ. މީގެ ސަބަބުން މެންބަރުންގެ މައްޗަށް އޮންނަ ޕާޓީގެ ކޮންޓްރޯލް ކުޑަވެގެންދާނެއެވެ.

ސަރުކާރު އެކުލަވާލުމުގައި ހައިބްރިޑް ނިޒާމުގެ ދަށުން ކެބިނެޓާއި ސަރުކާރުގެ ސިޔާސަތުތަކުގެ ފުރިހަމަ ކޮންޓްރޯލް އޮންނާނީ ސަރުކާރުގެ އިސްވެރިޔާއަށެވެ. ސަރުކާރު ހިންގުމުގައި ދައުލަތުގެ އިސްވެރިޔާގެ އެއްވެސް ދައުރެއް ނޯންނާނެއެވެ.

ދައުލަތުގެ އިސްވެރިޔާގެ މައިގަނޑު މަސްއޫލިއްޔަތުތައް

ގާނޫނުއަސާސީއާ ހިލާފު ކަންކަން ހިނގާ ހާލަތްތަކުގައްޔާއި ގާނޫނުތަކާ މެދު ކަންބޮޑުވުން އުފެދޭ ހާލަތްތަކުގައި ދުސްތޫރީ ކޯޓެއް އުފެއްދުމުގެ އިހުތިޔާރު ދައުލަތުގެ ވެރިޔާއަށް ލިބިގެންވެއެވެ. މި ކޯޓަށް ގާނޫނުއަސާސީއަށް ގެންނަ އިސްލާހުތައް މުރާޖާކުރުމަށް ފޮނުވުމާއި ފެންނަ ނުފެންނަ ވޯޓަކަށް ދިއުމަށް ކަނޑައެޅުމުގެ ބާރު އޮންނާނެއެވެ.

މިނިވަން މުއައްސަސާތަކަށް މެންބަރުންގެ ނަންތައް މަޖިލީހަށް ހުށަހެޅުމާއި، އެ މުއައްސަސާތަކުގެ ނިންމުންތައް ތަންފީޒުވާކަން ކަށަވަރުކުރުމަކީ ދައުލަތުގެ އިސްވެރިޔާގެ ޒިންމާއެކެވެ. މީގެ އިތުރުން މުއައްސަސާއެއްގެ މެންބަރަކު ވަކިކުރުމާ ގުޅޭގޮތުން ފެންނަ ނުފެންނަ ވޯޓަކަށް ދާންޖެހޭ ހާލަތުގައި އެކަން ރައްޔިތުންނަށް ހުށަހަޅާނީ ވެސް ދައުލަތުގެ އިސްވެރިޔާއެވެ.

ދައުލަތުގެ ވެރިޔާއަކީ ސިފައިންގެ އެންމެ މަތީ ވެރިޔާއެވެ. ސަރުކާރުގެ ވެރިޔާއާއި މަޖިލީހާ ގުޅިގެން ހަނގުރާމައިގެ ހާލަތު އިއުލާންކުރުމާއި، ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކުރުމަކީ ދައުލަތުގެ ވެރިޔާގެ މަސްއޫލިއްޔަތެކެވެ. ކުއްލި ނުރައްކަލުގެ ހާލަތުގައި ވަކި މުއްދަތެއްގެ ތެރޭގައި މަޖިލީހުގެ ރުހުން ހޯދަންޖެހެއެވެ.

ދައުލަތުގެ އިއްޒަތާއި، ރަސްމީ ލަގަބު އަދި ގައުމީ އިނާމު އެރުވުމުގެ ބާރު އޮންނަނީ ދައުލަތުގެ ވެރިޔާއަށެވެ.

އިންތިޚާބުކުރުމުގެ އުސޫލު

ދައުލަތުގެ އިސްވެރިޔާ ހޮވުމުގައި ރައްޔިތުންގެ ހިއްސާ އޮންނާނެހެން، ސަރުކާރުގެ އިސްވެރިޔާ ނަން ހުށަހަޅައިގެން "ބޮޑުމަޖިލިސް" ނުވަތަ ރައްޔިތުން އިންތިޚާބުކޮށްފައިވާ މަންދޫބުން މެދުވެރިކޮށް ނުސީދާ އިންތިހާބަކުން ހޮވުމަށް ހުށަހަޅާފައިވެއެވެ.